މިއަދު ހަވީރު 5:30 ގައި ބޭއްވި އިދިކޮޅު ގުޅިފައިވާ ޕާޓީ ތަކުގެ ޕާލިމެންޓަރީ ގުރޫޕުގެ ބައްދަލުވުމުގައި، ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް މަޖިލީހުގެ ރައީސް ކަމަށް އިންތިޚާބުކުރަން ފާސްކޮށްފި އެވެ.
ވަން އޮންލައިން އަށް އެނގިފައިވާ ގޮތުގައި ކުނޫޒުގައި ބޭއްވި ގުޅިފައިވާ ޕާޓީތަކުގެ ޕާލިމެންޓަރީ ގުރޫޕުގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެވެ. އެ ބައްދަލުވުމުގައި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އަތް އުފުއްލަވައިގެން މެންބަރުން ދެއްވި ވޯޓުގައި ގާސިމް މަޖިލީހުގެ ރައީސް ކަމަށް އިންތިޚާބުކުރުމަށް ހުރިހާ މެންބަރުން ވެސް އިއްތިފާގުވެވަޑައިގެންނެވި އެވެ.
ވަން އޮންލައިން އަށް އެނގިފައިވާ ގޮތުގައި ގުޅިފައިވާ ޕާޓީތަކުގެ މަޖިލިސް މެންބަރުންގެ މެދުގައި މި ގޮތަށް ވޯޓު ނެގި އިރު، އިއްތިހާދުގެ ހަތަރު ލީޑަރުން ކަމަށްވާ ރައީސް މައުމޫނާއި ރައީސް ނަޝީދާއި ޤާސިމް އިބްރާހީމް އަދި އަދާލަތުގެ ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވަނީ ކުރީން މި ގޮތަށް ނިންމަން އެއްބަސްވެވަޑައިގެންފަ އެވެ.
މި ބައްދަލުވުމުގައި ގާސިމް އިބްރާހީމް ވަނީ މަޖިލީހުގެ ރައީސް ކަމަށް އޭނާ ހޮއްވަވަން ނިންމެވީތީ ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދު މަޖިލީހަށް ވައްދާފައިވާ އިރު، އެމައްސަލަ މިހާރު ވަނީ އަންނަ ނޮވެމްބަރު މަހުގެ އަށް ވަނަ ދުވަހަށް އެޖެންޑާކޮށް މެންބަރުންނަށް ނޯޓިސް ފޮނުއްވައިފަ އެވެ.