ރައްޔިތުންގެ މަޖިީހުގެ ރައީސްގެ މަގާމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމަށް ތާއީދުކުރަން އެމްޓީޑީއިން ނިންމައިފިއެވެ.
އެމްޓީޑީގެ ނައިބު ރައީސް އަދި ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރެއިން އެޕާޓީން ތާއީދުކުރަން ނިންމާފައިވަނީ އަސްލަމަށް ކަމަށެވެ. އަދި އަސްލަމް އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީގެ ގިނަ މެންބަރުން ޝައުގުވެރިކަން ފާޅުކުރައްވާފައިވާތީ އެޕާޓީގެ ތެރޭގައި އެކަމާ ގުޅިގެންވަނީ ހިޔާލުތަފާތުވުންތައް އުފެދިފައެވެ.
އެމްޓީޑީން އަސްލަމަށް ތާއީދުކުރަން ނިންމި ނަމަވެސް މަޖިލީހުގައި އެމްޓީޑީ ތަމްސީލެއް ނުކުރާނެއެވެ.
މަޖިލީހުގެ ރައީސް ކަމަށް ބޭފުޅަކު އިންތިހާބު ކުރުމަށް ވަގުތު ކުޑަތަންވަމުންދަނިކޮށް، ވިލުފުށީ ދާއިރާގެ އިންތިހާބީ މެންބަރު ހަސަން އަފީފަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އެންމެ އެކަށީގެންވާ އެއް މެންބަރު ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.
ނަމަވެސް އަސްލަމް މިއަދު ވިދާޅުވީ މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ވަޑައިގަތުމަށް ބޭނުންވާ މިންވަރަށް ވޯޓު ކަށަވަރުވެފައިވާކަމަށެވެ. އަދި މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލެއްވީ ގިނަ މެންބަރުން އެކަމަށް އެދިވަޑައިގަތުމުން ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމަށް ހަމަޖައްސާނެ ބޭފުޅަކު އެމްޑީޕީން ކަނޑައެޅުން މިމަހު 27 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުގެރޭ ބާއްވާ މެންބަރުން ހުވައި ކުރެއްވުމުގެ ރަސްމިއްޔާތަށްފަހު ބާއްވާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައެވެ.