ބޮލީވުޑް

ތަޚްތު ރިލީސްކުރުން ފަސްކޮށްފި

ކަރަން ޖޯހަރު ޑައިރެކްޓްކުރާ ފިލްމު ތަޚްތު ރިލީސްކުރުން ފަސްކޮށްފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ފިލްމު ރިލީސްކުރާ ތާރީޚު ފަސްކޮށްފައިވަނީ ފިލްމު ފުރަތަމަ ޝޫޓް ކުރަން ޖެހޭ ތާރީހު ފަސްވުމާ ގުޅިގެންނެވެ.

މުގަލް ޒަމާނުގެ ދެބެއިންގެ ދެމެދުގައި ހިނގައިދިޔަ ހަމަނުޖެހުމެއްގެ މައްޗަށް އުފައްދާ ފިލްމު ތަޚްތު ގައި އަނިލް ކަޕޫރު، ކަރީނާ ކަޕޫރު، ރަންވީރު ސިންގް، ވިކީ ކޯޝަލް، އާލިޔާ ބަޓް، ބުމީ ޕެޑްނޭކަރު އަދި ޖާންވީ ކަޕޫރު މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ.

ފިލްމު ކުރިން ރިލީސްކުރަން ހަމަޖެހިފައި އޮތީ އަންނަ އަހަރުގެ ކުރީކޮޅެވެ. ނަމަވެސް މިހާރު ވަނީ އަންނަ އަހަރު ފަހުކޮޅަށް ރިލީސްކުރުން ފަސްކޮށްފައެވެ.

ފިލްމާ ގުޅުން ހުރި ފަރާތަކުން ހަންގާމާއަށް ދިން އިންޓަވިއުއެއްގައި ބުނި ގޮތުގައި ފިލްމުގެ ބެކްޑްރޮޕާއި ޕްރީ ޕްރޮޑަކްޝަނުގެ މަސައްކަތް ނުނިމޭތީ ފިލްމުގެ ޝޫޓިން ފެށިފައިނުވާ ކަމަށެވެ. ހީކުރިވަރަށްވުރެ ގިނަ ދުވަސް އެމަސައްކަަތަށް ނަގަނީކަމަށް އޭނާ ބުންޏެވެ. އެހެންކަމުން ޖޫން ޖުލައިގައި ފަށަން އޮތް ޝޫޓިން މިހާރު ފަށާނީ މިއަހަރު ފަހުކޮޅުކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.