ރައްޔިތުންގެ މަޖިލިސް

މަޖިލިސް ރައީސް ކަމުގެ މަގާމަށް ބޭނުންވާ މިންވަރަށް ވޯޓު ކަށަވަރުވެއްޖެ: އަސްލަމް

މިމަހު 28 ގައި ފަށާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ވަޑައިގަތުމަށް ބޭނުންވާ މިންވަރަށް ވޯޓު ކަށަވަރުވެފައިވާ ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމަކީ މަޖިލިސް ރައީސް ކަމުގެ މަގާމަށް ވާދަ ކުރައްވާ މެންބަރުންގެ ތެެރެއިން އެންމެ ވާދަވެރި އެއް މެންބަރުގެ ގޮތުގައި ވަނީ ފާހަގަ ކުރެވިފައެވެ.

ފަސްދޮޅަސް ފަސް ގޮނޑީގެ ބޮޑު މެޖޯރިޓީއެއް 19 ވަނަ މަޖިލީހުން އެމްޑީޕީއަށް ލިބިފައިވާތީ، އެ މަޖިލީހުގެ ރައީސްކަމަށް ވާދަކުރައްވާ ހުރިހާ މެންބަރުންނަކީވެސް އެމްޑީޕީގެ މެންބަރުންނެވެ.

ނަމަވެސް މި ވާދަވެރިކަން އެންމެ ބޮޑުވެފައިވަނީ، އަސްލަމާއި ވިލުފުށީ ދާއިރާގެ ގޮނޑިއަށް ހޮވިވަޑައިގެންނެވި ހަސަން އަފީފްއާ ދެމެދުގައެވެެ.

މީގެ އިތުރުން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވެސް މީގެ ކުރިން ވަނީ މަޖިލިސް ރައީސްކަމަށް ޝައުގުވެރިކަން ފާޅު ކުރައްވައިފައެވެ.

ރާއްޖެ ޓީވީގެ 60 މިނެޓަށް ދެއްވި އިންޓަވިއުއެއްގައި އަސްލަމް މިއަދު ވިދާޅުވީ މަޖިލިސްގެ ރައީސްކަމުގެ މަގާމަށް ވަޑައިގެންނެވުމަށް ގިނަ މެންބަރުންނާ ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށާއި، ގިނަ ބޭފުޅުން ތާއީދު ކުރައްވާފައިވާ ކަމަށެވެ.

އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކުރެއްވީވެސް މަޖިލީހުގެ ގިނަ މެންބަރުންތަކެއްގެ އެދިވަޑައިގަތުމުގެ މަތީން ކަމަށެވެ.

މަޖިލިސްގެ ރައީސް ކަމަށް އެންމެ އެކަށީގެންވާ އެއް ބޭފުޅަކީ ވިލުފުށީ ދާއިރާއަށް އިންތިހާބުވެ ވަޑައިގެންނެވި ހަސަން އަފީފް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާތީ، އަސްލަމް ވިދާޅުވީ ވަކި ބޭފުޅަކު މަޖިލިސް ރައީސްކަމުގެ މަގާމަށް ގެނައުމަށް ރައީސް ތާއީދުކުރެއްވި ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް ގާސިމް އިބްރާހިމް މިމަހުގެ 22 ވަނަ ދުވަހުގެރޭ ދެއްވި ތަރާވީހެއްގައި ބައިވެރިވެ ވަޑައިގެންނެވުމުގެ ކުރިން މީޑިއާއާ ވާހަކަ ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ އިންތިހާބީ މެންބަރު ހަސަން އަފީފަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އެންމެ އެކަށީގެންވާ އެއް މެންބަރު ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމަށް ހަމަޖައްސާނެ ބޭފުޅަކު އެމްޑީޕީން ކަނޑައެޅުން މިމަހު 27 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުގެރޭ ބާއްވާ މެންބަރުން ހުވައި ކުރެއްވުމުގެ ރަސްމިއްޔާތަށްފަހު ބާއްވާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައެވެ.