ރާނީ މުކަރުޖީގެ ހަރުކަށި ފުލުސް އޮފިސަރު ކެރެކްޓަރު 'ޝިވާނީ ޝިވާޖީ ރޯއީ' އަނެއްކާވެސް ބޮޑު ސްކްރީނަށް އަންނަ ހަބަރު އިއުލާނުކޮށްފިއެވެ.
"މަރުދާނީ" ފްރެންޗައިޒްގެ ތިންވަނަ ބައި - 'މަރުދާނީ 3' އުފައްދާ ވާހަކަ އިއުލާނުކުރީ އިއްޔެއެވެ. ޔާޝް ރާޖް ފިލްމްސްއިން އުފައްދާ މި ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުއެވެ. ސިނަމާތަކުގައި ދައްކަން ފަށާނީ 2026 ވަނަ އަހަރުއެވެ.
އިއްޔެއަކީ 'މަރުދާނީ 2' ގެ އަހަރީ ދުވަސް ކަމަށްވުމާއެކު، ވައިއާރުއެފްއިން އެ ކުންފުނީގެ އިންސްޓަގްރާމް އެކައުންޓުގައި 'މަރުދާނީ 3' ގެ ޕޯސްޓަރެއް ހިއްސާކުރިއެވެ.
"އިންތިޒާރު ނިމުނީ. ރާނީމުކަރްޖީ ހަރުކަށި ޝިވާނީ ޝިވާޖީ އެނބުރި އަންނާނީ ރޯއީގެ ގޮތުގައި، މަރުދާނީ3 ގައި. ސިނަމާތަކަށް އަންނާނީ 2026 ގައި،" ވައިއާރްއެފްގެ ޕޯސްޓުގައި ބުނެފައިވެއެވެ. އިތުރަށް ބުނެފައިވަނީ މި ފިލްމު އުފައްދާނީ އަދިއްތިޔަ ޗޯޕްރާ ކަމަށާއި އެއީ ވައިއާރުއެފްގެ ކުޑައިގެ ދަށުން ކަމަށެވެ. އަދި ޑައިރެކްޓްކުރާނީ އަބްހިރާޖް މިނާވާލާ ކަމަށެވެ.
މިކަމާ ގުޅިގެން ރާނީ މީޑިއާތަކަށް ބުނީ 'މަރުދާނީ 3' ގެ ޝޫޓިން އަންނަ އަހަރުގެ އޭޕްރީލް މަހު ފަށާނެ ކަމަށެވެ. ފުލުހުންގެ ޔުނިފޯމު ލައިގެން، ލޯބި ވެވިފައިވާ ކެރެކްޓަރެއް ކުޅުމަކީ އަބަދުވެސް އުފާވެރިކަމެއް ކަމަށް އޭނާ ބުންޏެވެ.
"އަހަރެމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮންމެ ދުވަހަކު މަސައްކަތްކޮށް، ގުރުބާނީ ވަމުން އަންނަ، ހިތްވަރުގަދަ، ފުލުހުންނަށް ޝުކުރުގެ ގޮތުން، "މަރުދާނީ 3" ގައި މި ހިތްވަރުގަދަ ފުލުސް އޮފިސަރުގެ ދައުރު އަދާކުރުމަށް ލިބުނު ފުރުސަތާމެދު ފަހުރުވެރިވަން." ރާނީ ބުންޏެވެ.
'މަރުދާނީ' ފްރެންޗައިޒް ފެށުނީ 2014 ގައި ރިލީޒްކުރި އެ ނަމުގެ ފިލްމުންނެވެ. ޕްރަދީޕް ސަރުކާރު ޑައިރެކްޓްކުރި 'މަރުދާނީ' އަކީ ބޮކްސް އޮފީހުގައި ކާމިޔާބު ފިލްމެކެވެ. އެ ފިލްމުން ބޮކްސް އޮފީހުން 60 ކްރޯޑު ރުޕީސް ހޯދިއެވެ. ގޯޕީ ޕުތުރާން ޑައިރެކްޓްކުރި 'މަރުދާނީ 2'، ރިލީޒްކުރީ 2019 ގައެވެ. އެ ފިލްމުން 67 ކްރޯޑު ރުޕީސް ހޯދިއެވެ. މި ދެ ފިލްމުގައިވެސް ރާނީ ފެނިގެންދަނީ އަންހެނުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތަކާ ގުޅޭ މައްސަލަތައް ތަހުގީގުކުރާ ހަރުކަށި ފުލުސް އޮފިސަރެއްގެ ގޮތުގައެވެ.