މުނިފޫހިފިލުވުން

"ހައުސްފުލް 5" ގެ ޝޫޓިން ތެރޭ އަކްޝޭ ކުމާރުގެ ލޮލަށް އަނިޔާއެއް ވެއްޖެ

މުމްބާއީގައި "ހައުސްފުލް 5" ގެ ޝޫޓިން ކުރިއަށްދަނިކޮށް، މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރަށް ނުރައްކާތެރި ހާދިސާއެއް ދިމާވެއްޖެއެވެ. މީޑިއާ ރިޕޯޓުތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި، ސްޓަންޓެއް ހަދަމުންދަނިކޮށް އެއްޗެއް އައިސް އޭނާގެ ލޮލުގައި ޖެހި، އަނިޔާވެފައިވެއެވެ.

ވަގުތުން ސެޓަށް ލޮލުގެ ޑޮކްޓަރެއް ގެނެވި، އަކްޝޭގެ ލޮލަށް ފަރުވާ ދެވުނެވެ. ޑޮކްޓަރުގެ އިރުޝާދުގެ ދަށުން އަރާމުކުރުމަށްފަހު، އަކްޝޭ ވަނީ ވީ އެންމެ އަވަހަކަށް އެނބުރި ޝޫޓިންއަށް ނުކުތުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭނާ މިގޮތަށް ނިންމީ ފިލްމުގެ ޝޫޓިން ނިމުމަކާ ކައިރިވެފައިވާތީ، އަދި ފިލްމު ލަސްވާން ބޭނުންނުވާތީ ކަމަށް ބުނެފައިވެއެވެ.

"ހައުސްފުލް 5" އަކީ ގިނަ އަދަދެއްގެ ތަރީން ބައިވެރިވާ ފިލްމެކެވެ. މި ފްރެންޗައިޒްގެ ދާއިމީ ތަރީންގެ ގޮތުގައި އަކްޝޭ ކުމާރު އަދި ރިތޭޝް ދޭޝްމުކް ހިމެނެއެވެ. މީގެ އިތުރުން، އަބީޝެކް ބައްޗަން، ޝްރެޔާސް ތަލްޕަޑޭ، ޗަންކީ ޕާންޑޭ، ޖެކުލީން ފަރްނާންޑެޒް އަދި ނަރްގިސް ފަކްރީ ވެސް އަނބުރާ އައިސްފައިވެއެވެ. އަލަށް ކާސްޓަށް އިތުރުވެފައިވާ ތަރީންގެ ތެރޭގައި ފަރްދީން ޚާން، ދީނޯ މޮރޭއާ، ޖޮނީ ލީވަ، ޖެކީ ޝްރޮފް، ސަންޖޭ ދަތު، ނާނާ ޕާޓޭކަރް، ސޯނަމް ބަޖްވާ، ޗިތްރާންގްދާ ސިންގް އަދި ސައުންދަރްޔާ ޝަރްމާ ހިމެނެއެވެ.

މި ފިލްމުގެ ޝޫޓިން ފެށުނީ މިއަހަރުގެ ކުރީކޮޅު ޔޫރަޕްގައެވެ. ކާސްޓުން 40 ދުވަހުގެ މުއްދަތަކަށް ކްރޫޒް އުޅަނދެއްގައި ދަތުރުކުރަމުން ފިލްމުގެ މަންޒަރުތައް ނެގިއެވެ. މި ދަތުރުގައި ނިއުކާސަލްއިން ފެށިގެން ސްޕެއިން، ނޯމަންޑީ، ހޮންފްލޫރް އަދި އަނބުރާ ޕްލިމަތަށް ދަތުރުކުރިއެވެ. "ހައުސްފުލް 5" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 6 ޖޫން 2025 ގައެވެ.