ރަޝްމިކާ މަންދަންނާގެ އެންމެ ފަހުގެ މަސައްކަތް 'ޕުޝްޕާ 2: ދަ ރޫލް' އަށް ލިބުނު ފާހަގަކޮށްލެވޭ ކާމިޔާބީއާއެކު، މި ހުނަރުވެރި އެކްޓްރެސް މިހާރު ވަނީ އޭނާގެ އާ ޕްރޮޖެކްޓް 'ސިކަންދަރު' ގެ މަސައްކަތް ފަށައިފައެވެ. މި ފިލްމަކީ ރަޝްމިކާ، ބޮލީވުޑްގެ ސުޕަސްޓާރު، ސަލްމާން ޚާނާއެކު ފުރަތަމަ ފަހަރަށް ފެނިގެންދާނެ މަސައްކަތެކެވެ.
އިންޑިއާ ޓުޑޭއަށް ދިން އިންޓަވިއުއެއްގައި ރަޝްމިކާ ވަނީ ސަލްމާނާއެކު މަސައްކަތްކުރުމުގެ ތަޖުރިބާއާ ގުޅޭގޮތުން ވާހަކަދައްކައިފައެވެ. ފިލްމުގެ ޝޫޓިން ތެރޭގައި އޭނާ ބަލިވުމުން ސަލްމާން ދެއްކި އޯގާތެރިކަމާއި އަޅައިލުމުގެ ވާހަކަ ރަޝްމިކާ ވަނީ ކިޔައިދީފައެވެ.
ރަޝްމިކާ ބުނިގޮތުގައި، އޭނާ ބަލިވެ އުޅޭކަން އެނގުމާއެކު ސަލްމާން ވަނީ ކްރޫ މެންބަރުންނަށް އަންގައިގެން ރަޝްމިކާއަށް ހޫނު ފެނާއި ސިއްހަތަށް ފައިދާހުރި ކާނާ ފޯރުކޮށްދީފައެވެ. މީގެ އިތުރުން ސަލްމާނަކީ ހިތްތިރި އަދި ހާއްސަ ޝަޚުސިއްޔަތެއްގެ ގޮތުގައި ރަޝްމިކާ ސިފަކުރިއެވެ.
މިދިޔަ ޖޫން މަހު ސަލްމާން ވަނީ 'ސިކަންދަރު' ފިލްމާ ގުޅޭ އަޕްޑޭޓެއް އާންމުކޮށްފައެވެ. މި ޕޯސްޓުގައި އޭނާގެ އާ ސިފައެއް ފޭނުންނާ ހިއްސާކޮށްފައިވެއެވެ. މި އާ ސިފައިގައި އޭނާ ވަނީ މަތިމަހާއި ތުނބުޅި ބާލައިފައެވެ. ޕޯސްޓުގެ ކެޕްޝަންގައި ލިޔެފައިވަނީ "ސިކަންދަރު ޓީމާއެކު 2025 ވަނަ އަހަރުގެ އީދަށް އިންތިޒާރުކުރާށެވެ."
ސާޖިދު ނަދިއާދްވާލާ ޕްރޮޑިއުސްކުރާ މި ފިލްމު ތިއޭޓަރުތަކަށް ނެރުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރު އެވެ.