ރީކޯ މޫސާ މަނިކް

މަސީހުގެ ވޯޓުގެ ކުރީން މެންބަރުންގެ މައްސަލަތައް ނިންމައިދޭން މޫސަ ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފި

ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން އިންތިޚާބުކުރައްވާފައިވާ މަންދޫބުން ނިސްބަތްވެވަޑައިގަންނަވާ ހުރިހާ ދާއިރާތަކެއް މަޖިލީހުގައި ތަމްސީލު ނުވާ ގޮތަކަށް މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދިއުމަކީ ގާނޫނު އަސާސީ އާއި ގާނުނުތަކާ ޚިލާފު ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށާއި އެހެން ކަމުން ޚިލާފު އުފެދިފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑިއާ މެދު މަސީހުގެ ވޯޓުގެ މައްސަލައިގެ ޖަލްސާގެ ކުރީން ގޮތެއް ނިންމަވައިދެއްވުން އެދި މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު އުއްތަމަ ފަނޑިޔާރަށް ދަންނަވައިފި އެވެ.

މޫސަ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާފައިވުމާއެކު، ގާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބަޔާންކުރާގޮތުން އެ މައްސަލަ ކުރިއަށް ގެންދަން ޖެހޭނީ މަޖިލީހުގެ ނައިބު ރައީސް ކަމަށެވެ.

މޫސަ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގާނޫނީ އަދަދު ކަނޑައަޅާފައި ވަނީ މަޖިލީހަށް އިންތިހާބުވެފައިވާ ޖުމްލަ މެމްބަރުންގެ އަދަދަށް ބަލައިގެން ކަމަށާއި ގާނޫނު އަސާސީގައި މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ހުސްވާނެ ހާލަތްތައް ބަޔާންކޮށްފައިވުމާ އެކު، މެންބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެކަމާ މެދު ހިލާފު އުފެދިއްޖެ ނަމަ، އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވާންޖެހޭ ހުރިހާ މެމްބަރުންނަށް ޖަލްސާތަކުގައި ބައިވެރިވެވޭ ގޮތަށް ޖަލްސާތައް ބޭއްވުމަކީ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ކުރަން ޖެހޭ ކަމެއް ކަމަށްވާއިރު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅެއްވުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ މަސީހު މަހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުން މަޖިލީހުގެ އިދާރާއަށް ލިބިފައިވުމާއެކު، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމު ހުސްވެއްޖެނަމަ އެ މަގާމަށް އާ މީހަކު އިންތިހާބުކުރުމަކީ ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަސްއޫލިއްޔަތެއް ކަމަށްވާތީ، ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންނަށް ބައިވެރިވެވޭ ގޮތަށް އިސްވެދެންނެވި ޖަލްސާތައް ކުރިއަށް ގެންދިއުމަށްޓަކައި، ދިވެހިރާއްޖޭގެ ޝަރުއީ ކޯޓުތަކުން ބައްލަވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެ ކަމާ މެދު ހިލާފު އުފެދިފައިވާ މައްސަލަތަކާ މެދު ފައިސަލާ ކުރައްވައި، އިސްވެދެންނެވި ޖަލްސާތަކުގެ ކުރިން އެ މައްސަލަ ތަކާ މެދު ވީހާވެސް އަވަހަށް ގޮތެއް ނިންމަވައިދެއްވުން އެދި އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަހްމަދު އަބްދުﷲ ދީދީއަށް މިއަދު ވާނީ ސިޓީއަކުން ދެންނެވިފައެވެ." މޫސަގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މޫސަ ވިދާޅުވީ އެއްވެސް ރައްޔިތެއްގެ ހައްގު ގެއްލޭގޮތަށް ރައްޔިތުންގެ މަޖިލީހުން އެއްވެސް ކަމެއް ކުރުމަކީ ގާނޫނުއަސާސީއާއި ދިވެހިރާއްޖޭގައި އަމަލުކުރަމުން އަންނަ އެއްވެސް ގާނޫނަކުން ހުއްދަކުރާ ކަމަކަށް ނުވާއިރު، ރާއްޖޭގެ ހުރިހާ ރައްޔިތުން ތަމްސީލުކުރުމަށްޓަކައި އިންތިހާބުކޮށްފައިވާ މެމްބަރުން ކުރެ އެއްވެސް މެމްބަރަކަށް ބައިވެރިނުވެވޭގޮތަށް މަޖިލީހުގެ ޖަލްސާތައް ބޭއްވުމަކީ ގާނޫނު އަސާސީގެ ހަތަރުވަނަ މާއްދާއިން ރައްޔިތުންނަށް ދީފައިވާ ބާރު އެންމެ ހެޔޮގޮތުގައި ތަމްސީލު ނުކުރެވޭނެ ކަމެއް ކަމަށް ދެކޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަންނަ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު އެޖެންޑާކުރަން ނިންމައި މެންބަރުންނަށް ނޯޓިސް ވަނީ ނޯޓިސް ފޮނުވައިފައެވެ.