ޕާކުތަކުގައި ހިލޭ ވައިފައި ލިބޭގޮތް މާދަމާ ހަމަޖެހިގެންދާނެ ކަމަށް މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ޝިފާ ވިދާޅުވީ މާލޭގައި އާންމުކޮށް މީހުން އެއްވާ ބޮޑެތި ޕާކުތަކަށް ހިލޭ ވައިފައި ލިބޭގޮތް މާދަމާއިން ފެށިގެން ހަމަޖެހިގެންދާނެ ކަމަށެވެ.
އެގޮތުން ކޮންމެ މީހަކަށްވެސް 30 މިނެޓް ހިލޭ ވައިފައި ލިބޭނެ ކަމަށާއި މިއީ ޕާކުތަކަށް ހިތްހަމަޖައްސައިލުމަށް ގޮސްތިބޭ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ޝިފާ ވިދާޅުވިއެވެ.
ޝިފާ ވިދާޅުވީ މާލޭގެ ޕާކުތަކަކީ ރައްޔިތުން ހިތް ހަމަޖައްސައިލުމަށްޓަކައި މަޑުކޮށްގެން ތިބޭ ތަނަކަށް ވުމުން އެއްވެސް މީހަކު އަބަދު ޕާކުތެރޭގައި ތިބެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.