އަކްޝޭ ކުމާރު، 'ބޫތު ބަންގްލާ' ނަމަކަށް ކިޔާ ބިރުވެރި-މަޖާ ފިލްމެއް އުފެއްދުމަށް ނިންމާފައިވާކަން އިއުލާނުކުރި ހިނދުން ފެށިގެން، މި ފިލްމަށް އާންމުންގެ ފަރާތުން ބޮޑު ޝައުގުވެރިކަމެއް އަންނަނީ ލިބެމުންނެވެ.
މި ފިލްމު ރިލީޒްކުރުމަށް ކަނޑައަޅާފައިވާ ތާރީހު މިހާރު ވަނީ ހާމަކޮށްފައެވެ. ތިއޭޓަރުތަކަށް ނެރުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 2 ވަނަ ދުވަހު ކަމުގައި ފިލްމުގެ ފަރާތުން އިއުލާނުކޮށްފައިވެއެވެ.
'ބޫތް ބަންގްލާ' އަކީ ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރުކުރެވެމުން އައި ފިލްމެކެވެ. މި ފިލްމު އުފައްދަނީ ޕްރިޔަދަރްޝަން އާއި އަކްޝޭ ކުމާރު ގުޅިގެންނެވެ. މިއީ މި ދެ ފަންނާނުން 14 އަހަރަށްފަހު އެއްކޮށް މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.
ސަޕޯޓަރުން އިންތިޒާރުކުރަމުން އަންނަނީ މި ދެ ފަންނާނުން އަލުން އެއްފަހަރު ބޮޑު ސްކްރީނުގައި ދައްކުވައިދޭނެ ހުނަރުވެރިކަމަށެވެ. ހޮރަރ-ކޮމެޑީ ފިލްމުތަކުގެ މާހިރު ޕްރިޔަދަރްޝަން ޑައިރެކްޓްކުރާ 'ބޫތު ބަންގްލާ' އަކީ އުއްމީދުކުރާ ވަރުގެ ސަސްޕެންސް އެކުލެވޭ ފިލްމަކަށް ވާނެ ކަމަށް އޭނާ ވައުދުވެފައިވެއެވެ.
'ބޫތު ބަންގްލާ' އަކީ ހިތުގެ ވިންދު އަވަސްވާފަދަ މަންޒަރުތަކާއި، ހިނިއަންނަ މަޖާ ސީންތައްފެނިގެންދާނެ ފިލްމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ހަމައެއާއެކު ހޮރަރ-މަޖާ ފިލްމުތަކާ ގުޅޭ ނުތަނަވަސްކަން ގެނުވައިދޭ މާހައުލެއް ހިމެނޭ، ހަގީގީ ރޯލަރ ކޯސްޓަރ ދަތުރެއްފަދަ ފިލްމަކަށްވާނެކަމުގެ ޔަގީންކަން ވެސް އުފެއްދުންތެރީން ދެއެވެ.