ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫންގެ ޖަލު ހުކުމުގެ އިސްތިއުނާފް މައްސަލައިގެ ހުކުމް މާދަމާ އިއްވަން ހައިކޯޓުގައި ތާވަލުކޮށްފިއެވެ.
ޕީޕީއެމްގެ ދިދައާއި ލޯގޯ ގަވާއިދާ ހިލާފަށް ބޭނުންކުރި ކަމަށް ބުނެ ދައުލަތުން އުފުލި ޝަހްސު އޮޅުވާލުމުގެ ދައުވާ ސާބިތުވެ، ޖަލު ހުކުމެއް އައިސްފައިވާ ފާރިސްގެ އިސްތިއުނާފް މައްސަލައިގެ ހުކުމް އިއްވުމަށް ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 10:30 އަށެވެ.
ކްރިމިނަލް ކޯޓުން ފާރިސަށް ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ހުކުމް ކުރީ މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހުގެ ރޭ އެވެ.
ފާރިސްގެ ފަރާތުން ހުށަހަޅާފައިވާ ކަންތައްތަކުގެ މައްޗަށާއި ހުކުމުގެ ބާވަތަށާއި އަދި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންތައްތަކުގެ މައްޗަށް ރިއާޔަތްކޮށް، އިސްތިއުނާފު މައްސަލައިގައި ހައިކޯޓުން ވަކިގޮތެއް ކަނޑަޅަންދެން ކަފާލާތުގެ ދަށުން ފާރިސް މިނިވަންކޮށްފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހެވެ.
ފާރިސްއާއެކު ކަފާލާތުގެ ދަށުން މިނިވަންކުރި ރައީސް މައުމޫނާއި ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމްގެ އިސްތިއުނާފް މައްސަލައިގެ އަޑުއެހުންތައް ނިންމާލައި، އެ ބޭފުޅުންނަށް އިއްވި ޖަލު ހުކުމް ހައިކޯޓުން މިހާރު ވަނީ ބާތިލްކޮށްފައެވެ.