މުނިފޫހިފިލުވުން

"ބާގީ 4": ސަންޖޭ ދަތުގެ "ފަސްޓް ލުކް" ދައްކާލައިފި

މަޝްހޫރު އެކްޓަރު ޓައިގާ ޝްރޮފްއާއެކު "ބާގީ 4" ގައި ސަންޖޭދަތު ބައިވެރިވުމަށް ތައްޔާރުވަމުން އަންނަ ހަބަރަކީ އޭނާއަށް ތަރުހީބުދޭ ސަޕޯޓަރުންނަށް ލިބުނު އުފާވެރި ހަބަރެކެވެ. އިއްޔެ ސަންޖޭދަތު ވަނީ ފިލްމުގައި އޭނާ ފެނިގެންދާނެ ގޮތުގެ ފުރަތަމަ މަންޒަރު ދައްކައިލައިފައެވެ.

ސަންޖޭ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ޕޯސްޓަރެއް ހިއްސާކުރިއިރު، އޭގެ ތަފްސީލުގައި "ކޮންމެ އާޝިޤަކީ ވިލަންއެކެވެ" މިހެން ލިޔެފައިވެއެވެ. މީގެ އިތުރުން #SajidNadiadwala އަދި #Baaghi4 ފަދަ ހޭޝްޓެގްތައްވެސް ހިމަނާފައިވެއެވެ. ޕޯސްޓަރުގައި އޭނާ ފެނިގެންދަނީ ބޮޑު ގޮނޑިއެއްގައި އިށީނދެ އިންނަ ތަނެވެ. އޭނާގެ ހެދުމުގައި ލޭ ހުރިއިރު، އަތުގައި ފުރާނަ ނެތް އަންހެނެއްގެ ހަށިގަނޑު އޮތް މަންޒަރު ފެނެއެވެ.

ވޭނާއި ނުރުހުމުގެ އިހުސާސްތައް ފާޅުވާ އޭނާގެ މޫނުމަތީގެ ކުލަވަރުން، ކެރެކްޓަރުގެ ހަރުކަށިކަން ދައްކުވައިދެއެވެ. ފިލްމުގައި މީގެ ކުރިން ނުފެންނަ ފަދަ ނުރައްކާތެރި ވިލަންއެއް ފެނިގެންދާނެކަމުގެ އިޝާރާތް ލިބެއެވެ.

ގިނަ ބަޔަކު އިންތިޒާރުކުރާ މި ފިލްމަކީ ކަންނަޑާ ބަހުގެ ޑައިރެކްޓަރު އޭ. ހަރްޝާ ބޮލީވުޑަށް ތައާރަފުވާ ފިލްމެވެ. މި ފިލްމު ޕްރޮޑިއުސް ކުރަނީ ސާޖިދު ނާދިއަދުވާލާ އެވެ. އަންނަ އަހަރުގެ ސެޕްޓެމްބަރު ފަސް ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމު މިހާރުވެސް އަންނަނީ އޭގެ ޝައުގުވެރި ތަރިންނާއި ވާހަކައިގެ ސަބަބުން މަގުބޫލުކަން ހޯދަމުންނެވެ. 2016 ވަނަ އަހަރު ފެށުނު "ބާގީ" ސިލްސިލާއިން ވަނީ އޭގެ ހަލުވި އެކްޝަން މަންޒަރުތަކާއި ޝައުގުވެރި ވާހަކަތަކުން ގިނަ ބައެއްގެ ސަޕޯޓު ހޯދައިފައެވެ.