މުނިފޫހިފިލުވުން

"އެނިމަލް" ގެ ބަދަލުގައި "އަމަރް ސިންގް ޗަމްކިލާ" އިހުތިޔާރުކުރެވިގެން ހިތާމައެއް ނުކުރަން: ޕަރިނިތީ

ރަންބީރު ކަޕޫރު އަދި ރަޝްމިކާ މަންދަންނާ ފަދަ ތަރިން ފެނިގެންދިޔަ "އެނިމަލް" ފިލްމަކީ ބޮކްސް އޮފީހުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދި އުފެއްދުމެކެވެ. އެހެންނަމަވެސް، މި ފިލްމުގެ މައިގަނޑު އަންހެން ރޯލު އެންމެ ފުރަތަމަ ހުށަހެޅުނީ ޕަރިނީތީ ޗޯޕްރާއަށް ކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ. ޕަރިނީތީ އެ ރޯލު އަދާކުރުމަށް އިންކާރުކޮށް، އޭގެ ބަދަލުގައި "އަމަރް ސިންގް ޗަމްކިލާ" ފިލްމުގައި ބައިވެރިވުމަށް ނިންމިއެވެ.

ޕަރިނީތީ، އޭނާގެ ފިރިމީހާ ރާގަވް ޗައްދާއާއެކު "އާޕް ކީ އަދާލަތު" ޕްރޮގްރާމުގައި ބައިވެރިވެ، ރަޖަތް ޝަރްމާއާއި އެކު ކުރިޔަށް ގެންދިޔަ ސުވާލު-ޖަވާބު ސެޝަނެއްގައި ބުނީ "އެނިމަލް" ފިލްމުގައި ރަޝްމިކާ މަންދަންނާ އަދާކުރި ރޯލު ދޫކޮށްލުމާމެދު އެއްވެސް ހިތާމައެއް ނުކުރާކަމަށެވެ.

"ތެދުތެދަށް ބުނާނަމަ، އަހަރެންނަށް ގަބޫލުކުރެވެނީ މަތިވެރި ގުދުރަތީ ބާރަކުން އަހަރެންނަށް އެއަށްވުރެ މާ ރަނގަޅު ފުރުސަތެއް ކަނޑައަޅާފައި އޮތްކަމަށް. އެ ފިލްމުގައި މަސައްކަތްކުރަމުން ދިޔައިރު، ގިނަ ކަންތައްތަކެއް ހަމަޖެހިފަ ހުރީ. ހަމަ އެ މުއްދަތުގައި 'ޗަމްކީލާ' ފިލްމުގެ ފުރުސަތު ލިބުނީ." ޕަރިނީތީ ބުންޏެވެ

އިމްތިޔާޒް އަލީގެ "ޗަމްކީލާ" ފިލްމުގައި އޭނާގެ ރޯލަކީ "ދޫކޮށް ނުލެވޭފަދަ ފުރުސަތެއް" ކަމަށް ވެސް ޕަރިނީތީ ބުންޏެވެ.

"ޗަމްކީލާގެ ސަބަބުން ލިބުނު ލޯތްބާއި އެހީތެރިކަމާއި އިހުތިރާމާއި އަދި ނޮމިނޭޝަންތަކާ މެދު އެއްވެސް ހިތާމައެއް ނުކުރަން. އަހަރެން މިހުރީ ވަރަށް އުފަލުން." ޕަރިނީތީ ބުންޏެވެ.

އިމްތިޔާޒް އަލީ ޑައިރެކްޓްކޮށްފައިވާ "އަމަރު ސިންގް ޗަމްކީލާ" އަކީ މަޝްހޫރު މިޔުޒިޝަން އަމަރު ސިންގް ޗަމްކީލާގެ ދިރިއުޅުމާއި އޭނާ މަރާލެވުނު ގޮތުގެ ވާހަކަ އަސާސަކަށް ބަލައިގެން އުފައްދާފައިވާ ފިލްމެކެވެ. އެ ފިލްމުގެ މައިގަނޑު ދައުރު އަދާކޮށްފައިވަނީ ދިލްޖިތް ދޮސަންޖް އެވެ. ޕަރިނީތީ ޗޯޕްރާ އަދާކޮށްފައިވަނީ އަމަރް ސިންގްގެ ދެވަނަ އަނބިކަނބަލުން، އަމަރްޖޯޓްގެ ރޯލެވެ. މި ހަޔާތީ ޑްރާމާ ފިލްމަކީ ނެޓްފްލިކްސް އިންޑިއާގައި އެންމެ މަގުބޫލުވި ފިލްމުތަކުގެ ތެރެއިން އެއް ފިލްމަށް ވެގެން ދިޔައެވެ.