މުނިފޫހިފިލުވުން

"އެނިމަލް 3" އަދި "ބްރަހްމާސްތްރާ 2" އުފައްދަނީ

ރަންބީރު ކަޕޫރުގެ ފިލްމު 'އެނިމަލް' އަށް ވަރަށް ބޮޑު ކާމިޔާބެއް ބޮކްސް އޮފީހުން ލިބުނެވެ. މި ފިލްމު ޑައިރެކްޓްކޮށްފައިވަނީ ސަންދީޕް ރެޑީ ވަންގާ އެވެ. މީގެ ކުރިން އެ ޓީމުން ވަނީ ދެވަނަ ބައެއްގެ ގޮތުގައި 'އެނިމަލް ޕާކް' ގެ ނަމުގައި ފިލްމެއް ނެރުމަށް ހަމަޖެހިފައިވާ ކަމުގެ އުފާވެރި ހަބަރު ދީފައެވެ. ފަހުން ދިން އިންޓަވިއުއެއްގައި ރަންބީރު ވަނީ 'އެނިމަލް' އަކީ ތިން ބަޔަކަށް ބަހާލެވޭ ފިލްމެއްގެ ގޮތުގައި އުފެއްދުމަށް ޑައިރެކްޓަރު ގަސްދުކުރާކަން ފާހަގަކޮށްފައެވެ.

ޑެޑްލައިން ހޮލީވުޑަށް ދިން އިންޓަވިއުއެއްގައި، ރަންބީރު ބުނި ގޮތުގައި 'އެނިމަލް' ގެ ސީކުއަލް (އެނިމަލް ޕާކް) ގެ ޝޫޓިން ފަށާނީ 2027 ވަނަ އަހަރުއެވެ. އެއީ ޑައިރެކްޓަރު ސަންދީޕް މިހާރު އެހެން ފިލްމެއްގެ މަސައްކަތުގައި ބިޒީވެފައި ހުރުމުގެ ސަބަބުން ކަމަށް ބޮލީވުޑް ހަބަރުތައް ބުނެއެވެ.

އެނިމަލް ޕާކްގައި އޭނާގެ ރޯލާ ބެހޭ ގޮތުން ވާހަކަދައްކަމުން، ރަންބީރު ބުނީ، "މިއީ ވަރަށް ފޮނި އުއްމީދުތަކެއް އޮތް ފިލްމެއް ކަމަށެވެ. މިހާރު ދެ ކެރެކްޓަރެއް ކުޅެވޭނެ ކަމަށާއި އެއީ އެންޓަގޮނިސްޓް އަދި ޕްރޮޓަގޮނިސްޓް." ކަމަށް ރަންބީރު ބުނެފައިވެއެވެ.

އޭގެ އިތުރުން ރަންބީރު ވަނީ 'ބްރަހްމާސްތްރާ 2' އާ ބެހޭ އަޕްޑޭޓްތަކެއް ވެސް ދީފައެވެ. އޭނާ ބުނިގޮތުގައި 'ދޭވް' ގެ ނަމުގައި ނެރޭ މި ފިލްމު މިހާރު ވަނީ ލިޔުމުގެ މަރުހަލާގައެވެ. ފުރަތަމަ ބައި ކަމުގައިވާ 'ޝިވާ' އަކީ އާ ހަރުފަތަކަށް އެރި ޕްރޮޖެކްޓެކެވެ. އޭނާ ބުނީ ސީކުއަލްގައި އުޅޭނެ ތަރީންނާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ބައެއްކަމެއް ނުބުނެއެވެ.