ރައްޔިތުންގެ މަޖިލިސް

މަސީހުގެ މައްސަލަ ނޮވެމްބަރު 8 އަށް އެޖެންޑާކުރަން ނިންމައި ނޯޓިސް ފޮނުވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަންނަ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު އެޖެންޑާކުރަން ނިންމައި މެންބަރުންނަށް ނޯޓިސް ފޮނުވައިފި އެވެ.

މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ސޮއިކުރައްވައި މެންބަރުންނަށް މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، ދިވެހި ރާއްޖޭގެ ޖުމުހޫރިއްޔާގެ ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތީން 8 ނޮވެމްބަރު 2018 ވާ ބުރާސްފަތި ދުވަހު މި މައްސަލަ އެޖެންޑާ ކުރަން ގަސްދުކުރައްވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ބުނާ ގޮތުން އެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް ވަކިކުރުމަށް ހުށަހަޅާ ގަރާރެއް މަޖިލީހަށް ހުށަހެޅުމުގެ ސާދަ ދުވަސް ކުރީން އެކަން އެމަޖިލީހަށް އަންގަން ވާނެ އެވެ. އަދި މައްސަލައިގެ ނޯޓިސް ދިނުމަށް ފަހު އެ ނޯޓިހުގެ ތާރީޚުން ފެށިގެން ރަސްމީ ބަންދު ނޫން 10 ދުވަހުގެ މުއްދަތު ދިނުމަށް ފަހު އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާ އަކަށް އެ މައްސަލަ ހުށަހަޅަން ޖެހޭނެ ކަމަށް ވެސް މަޖިލީހުގެ ގަވައިދު ބުނެ އެވެ.

މަޖިލީހުގެ ގަވައިދުވާ ގޮތުގައި މި ފަދަ މައްސަލައެއް ލިބުމުން އެ މައްސަލައިގެ ލިޔުން ލިބޭތާ ގިނަ ވެގެން ރަސްމީ ބަންދު ނޫން ތިން ދުވަހުގެ ތެރޭގައި އެ މައްސަލައިގެ ނޯޓިސް އަމީން އާންމު މެންބަރުންނަށާއި މަޖިލީހުގެ ރައީސަށް ދޭން ވާނެ އެވެ.