ކްލަބު ވޯލްޑް ކަޕްގެ އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން، އަންނަ އަހަރު ބާއްވާ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޔުވެންޓަސްއާ ވާދަކުރަން ޖެހިއްޖެއެވެ.
ފީފާއިން އާ ފޯމެޓަކަށް ބާއްވާ އަންނަ އަހަރުގެ ކްލަބު ވޯލްޑް ކަޕްގައި ޖުމުލަ 32 ޓީމަކުން ވާދަކުރާނެއެވެ. އަންނަ އަހަރު ޖޫން 15 އިން ޖުލައި 13 އަށް އެމެރިކާގައި ބާއްވާ ކްލަބު ވޯލްޑް ކަޕްގައި 63 މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. އެއީ 29 ދުވަހަށް ދެމިގެންދާ ގޮތެއްގައެވެ.
މުޅިން އާ ކްލަބު ފުޓުބޯޅަ މުބާރާތެއްގެ ވިސްނުމާއެކު ފީފާއިން ބާއްވާ މުބާރާތަށް ރޭ ވަނީ ގުރު ނަގައިފައެވެ. އެމެރިކާގެ 12 ސްޓޭޑިއަމެއްގައި ހޯސްޓް ކުރާ މުބާރާތަށް ގުރު ނެގުމަށް ރޭ ބޭއްވި އިވެންޓްގައި ފުޓުބޯޅައިގެ ލެޖެންޑަރީ މޫނުތައް ފެނިގެން ގޮސްފައިވެއެވެ.
ހަތަރު ޕޮޓަކަށް ޓީމުތައް ބަހާލައިގެން ކްލަބު ވޯލްޑް ކަޕްގެ ގުރު ރޭ ނަގާފައިވާ އިރު، މިވަގުތު ދުނިޔޭގެ ޗެމްޕިއަން ސިޓީއާއެކު ގްރޫޕް ޖީގައި ހިމެނެނީ ޔުވެންޓަސްއާއި މޮރޮކޯގެ ވައިޑާޑް އޭސީ އަދި އަލް އައިން އެވެ.
ކްލަބު ވޯލްޑް ކަޕްގައި ދެން ވާދަކުރާ ޗެލްސީން ލައްވާލީ ގްރޫޕް ޑީގައެވެ އެ ގްރޫޕްގައި ދެން ހިމެނެނީ ފްލެމިންގޯއާއި އެސްޕެރަންސް ސްޕޯޓިވް ޑި ޓިއުނިސީއައި ކްލަބު ލެއޯންއެވެ.