ބޮލީވުޑްގެ އެންމެ މަޝްހޫރު ނަންތައް ފަހަތަށް ޖައްސާލައި، މި އަހަރުގެ އެންމެ މަގުބޫލު އިންޑިއާ ތަރީގެ ޝަރަފު އެކްޓަރު ޓްރިޕްޓީ ދިމްރީ ހޯދައިފިއެވެ.
ބުރާސްފަތި ދުވަހު، އައިއެމްޑީބީއިން މި އަހަރުގެ އެންމެ މަގުބޫލު 10 އިންޑިއާ ތަރީން އާންމުކުރިއެވެ. މި ލިސްޓު އެކުލަވައިލައިފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން މަހަކު 250 މިލިއަނަށްވުރެ ގިނަ ފަހަރު އައިއެމްޑީބީއަށް ޒިޔާރަތްކުރާ މީހުންގެ ޕޭޖް ވިއުސްތަކުގެ މައްޗަށް ބިނާކޮށް ކަމަށް ރިޕޯޓު ބުނެއެވެ.
ރަންބީރު ކަޕޫރުގެ "އެނިމަލް" ފިލްމުގައި އަދާކުރި ރޯލުން ވައިރަލްވެގެން ދިޔަ ޓްރިޕްޓީ ވަނީ މި ލިސްޓުގެ އެންމެ މަތީން ވަނަ ހޯދައި، މި އަހަރުގެ އެއްވަނަ އިންޑިއާ ތަރިއަށް ވެފައެވެ. މި އަހަރު އޭނާ ވަނީ ތިން ފިލްމަކުން ފެނިގެން ގޮސްފައެވެ. އެއީ "ބޭޑް ނިއުޒް"، "ވިކީ ވިދިއާ ކާ ވޯ ވާލާ ވީޑިއޯ" އަދި "ބޫލް ބުލައްޔާ 3" އެވެ. މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ޓްރިޕްޓީ ވަނީ އޭނާގެ އެކްޓިން ދަތުރުގައި އެހީތެރިވެދިން ކަމަށްޓަކައި ފޭނުންނަށް ޝުކުރު އަދާކޮށްފައެވެ.
މި އަހަރު މަންމައަކަށް ވެ އާ މަރުހުލާއަކަށް ވަދެވުނު އެކްޓަރު ދީޕިކާ ޕަދުކޯން ވަނީ މި ލިސްޓުގެ ދެވަނަ ހޯދައިފައެވެ. އޭނާގެ ފަހަތުން ތިން ވަނައިގައި ވަނީ އިޝާން ކަޓަރެވެ.
މަސައްކަތުގެ ގޮތުން ބަލާއިރު، ދީޕިކާގެ މުހިންމު ތިން ފިލްމެއް މި އަހަރު ވަނީ ރިލީޒް ވެފައެވެ. އެއީ "ފައިޓަރ"، "ކަލްކީ 2898 އޭޑީ" އަދި "ސިންގަމް އަގެއިން" އެވެ. "ކަލްކީ 2898 އޭޑީ" އިން އޭނާ ވަނީ ތެލިނގޫ ސިނަމާގައި ފުރަތަމަ ފަހަރަށް ފެނިގެން ގޮސް، ކެރިއަރުގައި އިތުރު ކާމިޔާބެއް ހާސިލުކޮށްފައެވެ. އަނެއްކޮޅުން، އިޝާން ވަނީ އޭނާގެ ދެވަނަ ބައިނަލްއަގުވާމީ ޓީވީ ސީރީޒް "ދަ ޕާފެކްޓް ކަޕަލް" ގައި އަދާކުރި ރޯލުން މަގުބޫލުކަން ހޯދަފައެވެ. މި ސީރީޒްގައި އޭނާ ވަނީ ނިކޯލް ކިޑްމަން، ލީވް ޝްރައިބަރ އަދި އީވް ހިއުސަންއާއެކު މަސައްކަތްކޮށްފައެވެ.
އެކްޓަރު ޝާހުރުކް ޚާނަށް ލިބުނީ ހަތަރު ވަނައެވެ. ޝޮބިތާ ދުލިޕާލާ ފަސް ވަނަ އަދި ޝަރްވަރީ ހަވަނަ ހޯދާފައިވެއެވެ. މި ލިސްޓުގައި އައިޝްވަރިޔާ ރާއީ ވަނީ ހަތް ވަނައިގައެވެ. އޭނާގެ ފަހަތުން އާލިއާ ބަޓް ނުވަ ވަނަ އަދި ޕްރަބާސް ދިހަ ވަނަ ހޯދާފައިވެއެވެ.
އިންޑިއާގައި އކި ނޫސްތަކުންނާއި ޓީވީތަކުން އަދި އެނޫންވެސް އެކި ފަރާތްތަކުން ފަންނާނުންގެ މި ފަދަ މަގާމުތައް ހޮވައެވެ.