މުނިފޫހިފިލުވުން

"ޕުޝްޕާ 2" ގެ ޕްރިމިއާގައި މަންމައަކު މަރުވެ ދަރިފުޅުގެ ހާލު ސީރިއަސްވެއްޖެ

"ޕުޝްޕާ 2" ގެ ޕްރިމިއާ ހަލަބޮލިވެ، މަންމައަކީ މަރުވެ، ދަރިފުޅުގެ ހާލުބޮޑުވެ ފަރުވާދޭން ޖެހިއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ ހައިދަރްއާބާދުގައެވެ.

މީޑިއާ ރިޕޯޓުތައް ބުނެފައިވާ ގޮތުގައި، ބުދަ ދުވަހުގެ ރޭ އާރްޓީސީ ކްރޮސްރޯޑްސްގައި ހުންނަ ސަންދިޔާ ތިއޭޓަރުން އެކްޓަރު އަލްލޫ އަރްޖުން ފެނުމުން އުފެދުނު ހަލަބޮލިކަމުގެ ތެރޭގައި މަންމައަކު މަރުވެ، އޭނާގެ ދަރިފުޅުގެ ހާލަތު ސީރިއަސްވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވެ އެވެ. އަލްލޫ އަރްޖުން ޕްރިމިއާއަށް ދިޔައީ ސެކިއުރިޓީއާއި ފުލުހުންގެ ރައްކާތެރިކަމާއެކުއެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، މަރުވި މީހާއަކީ ދިލްސުކްނަގަރުގެ 39 އަހަރުގެ ރެވަތީ ނަމަކަށް ކިޔާ މީހެކެވެ. އޭނާ ފިލްމު ޕްރިމިއާއަށް ދިޔައީ ފިރިމީހާ ބާސްކަރާއި އެމީހުންގެ ދެ ދަރީންނާ އެކުގައެވެ.

ތިއޭޓަރު ކައިރީގައި އުފެދުނު ހަލަބޮލި ހާލަތު ދައްކުވައިދޭ އެތައް ވީޑިއޯއެއް އެކްސް ގައި ފެތުރިފައިވެއެވެ. އެއް ވީޑިއޯއެއްގައި ފެންނަނީ ގިނަ ބަޔަކު ތޮއްޖެހިފައިވާ ތަނެއްގައި ހޭނެތިފައިވާ ކުޑަކުއްޖަކު އުރާލައިގެން މީހަކު ދުވާ މަންޒަރެވެ. އެ މީހާ ވަނީ އެ ކުއްޖާ ބިންމަތީގައި ބާއްވައި ސީޕީއާރު ވެސް ދީފައެވެ. އަންހެން މީހާ ވަނީ އަވަސްއަވަހަށް ހޮސްޕިޓަލަށް ގެންގޮސްފައެވެ. ނަމަވެސް އޭނާ ވަނީ ލިބުނު އަނިޔާތަކާ ގުޅިގެން މަރުވެފައެވެ. ރިޕޯޓުތައް އިތުރަށް ބުނެފައިވަނީ ހަލަބޮލިކަމުގެ ތެރޭގައި ތިއޭޓަރުގެ މައި ދޮރޯށިވެސް ވެއްޓިފައިވާ ކަމަށެވެ.

"ޕުޝްޕާ 2: ދަ ރޫލް" އަކީ ސުކުމާރުގެ 2021 ވަނަ އަހަރުގެ ފިލްމު "ޕުޝްޕާ: ދަ ރައިޒް" ގެ ސީކުއަލްއެވެ. އަރްޖުން، ރަޝްމިކާ މަންޑަންނާ ގެ އިތުރުން ޕުޝްޕާ ރާޖް، ސްރީވަލްލީ، އަދި ބަންވަރު ސިންގް ޝެކާވަތުގެ ފިލްމުގެ އެކި ރޯލުތަކުން ފެނިގެންދާނެއެވެ. މި ފިލްމު އުފައްދަނީ މިތްރީ މޫވީ މޭކާސްއާއި ސުކުމާރު ރައިޓިންގްސްއިންނެވެ. ފިލްމުގެ މިޔުޒިކް ކޮމްޕޯސްކުރަނީ ދޭވީ ސްރީ ޕްރަސާދުއެވެ. މި ހަފުތާގައި މި ފިލްމު ރިލީޒްވުމުން ބޮކްސް އޮފީހުގައި ވަރަށް ބޮޑު ކާމިޔާބީއެއް ލިބޭނެކަމަށް ގިނަ ބަޔަކު ބުނެއެވެ.