މުޙައްމަދު ޝަމްޢޫން
ފީފާއިން މުޅިން އާ ފޯމެޓަކަށް ބާއްވަން ތައްޔާރުވެފައިވާ ކްލަބު ވޯލްޑް ކަޕްގެ އެކްސްކްލޫސިވް ބްރޯޑްކާސްޓިން ރައިޓްސް ސްޓްރީމިން ޕްލެޓްފޯމެއް ކަމަށްވާ ޑީއޭޒެޑްއެންއަށް ވިއްކާލައިފިއެވެ.
ފީފާއިން އާ ފޯމެޓަކަށް ބާއްވާ އަންނަ އަހަރުގެ ކްލަބު ވޯލްޑް ކަޕްގައި ޖުމުލަ 32 ޓީމަކުން ވާދަކުރާނެއެވެ. އަންނަ އަހަރު ޖޫން 15 އިން ޖުލައި 13 އަށް އެމެރިކާގައި ބާއްވާ ކްލަބު ވޯލްޑް ކަޕްގައި 63 މެޗު ކުޅުމަށް ހަމަޖެހިފައިވާ އިރު، ޑީއޭޒެޑްއެންއިން އެ ހުރިހާ މެޗެއްވެސް ހިލޭ ލައިވް ސްޓްރީމް ކުރާނެއެވެ.
ފީފާއިން އާއްމުކޮށް ބޮޑެތި ޓީވީ ކުންފުނިތަކަށް އެ އިދާރާގެ މުބާރާތްތަކުގެ ބްރޯޑްކާސްޓިން ރައިޓްސް ވިއްކާލާ ނަމަވެސް، މިފަހަރު މުޅިން އަލަށް ސްޓްރީމިން ޕްލެޓްފޯމަކަށް ރައިޓްސް ވިއްކާލީ އެއް ބިލިއަން ޔޫރޯގެ އަގެއްގައެވެ.
ޑީއޭޒެޑްއެންއިން ލައިވްކޮށް މެޗުތައް ސްޓްރީމް ކުރި ނަމަވެސް މެޗުތައް ބްރޯޑްކާސްޓް ކުރުމުގެ ސަބް ލައިސަންސް ޓީވީ ޗެނަލްތަކަށް ވިއްކާނެ ކަމަށް ވަނީ ބެލެވިފައެވެ.
ފީފާގެ ނިންމުމާއެކު އެ އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ ބްރޯޑްކާސްޓިން ރައިޓްސް ސްޓްރީމިން ކުންފުންޏަކަށް ވިއްކާލުމާއެކު އެތައް ބިލިއަން ބަޔަކަށް ކްލަބު ވޯލްޑް ކަޕް ހިލޭ ބެލޭނެ ކަމަށާއި، އެ މުބާރާތް ވެގެންދާނީ އެންމެ ފަސޭހައިން ގިނަ ބަޔަކަށް ބެލޭނެ ކްލަބު މުބާރާތަށް ކަމަށެވެ.