އެސްޓީއޯ

އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފިއެވެ.

ޕެޓްރޯލާއި ޑީސަލުގެ އަގު ހެޔޮކުރަން އެސްޓީއޯ އިން ނިންމީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮކުރުމާ ގުޅިގެން ކަމަށް އެންފުނީން ބުނެއެވެ.

މިހާރު ޕެޓްރޯލް ލީޓަރެއްގެ އަގަކީ 11.39 ރުފިޔާއެވެ. އަދި ޑީސަލް ލީޓަރެއްގެ އަގަކީ 11.97 ރުފިޔާއެވެ. މީގެ ކުރިން ޕެޓްރޯލް ލީޓަރެއްގެ އަގު 11.49 ރުފިޔާއަށް ހުރި އިރު، ޑީސަލް ލީޓަރެއްގެ އަގު ހުރީ 12.11 ރުފިޔާ އަށެވެ. ތެލުގެ އަގު ހެޔޮވެގެން މިދިޔައީ ގިނަ ދުވަސްތަކަކަށް ފަހުއެވެ.

މިއަހަރުގެ ޖަނަވަރީ މަހުގައި އެސްޓީއޯއިން ވަނީ ޑީސަލް ލީޓަރަކުން ދެ ރުފިޔާ އަދި ޕެޓްރޯލް ލީޓަރަކުން އެއް ރުފިޔާ އަގު ހެޔޮކޮށްފައެވެ. ނަމަވެސް އެއަށްފަހު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ވެސް ދިޔައީ އުފުލެމުންނެވެ.

އެސްޓީއޯ އިން މައުލޫމާތުދޭގޮތުގައި އަބަދުވެސް އެ ކުންފުނިން މަސައްކަތްކުރަނީ ވީ އެންމެ ކުޑަ އަގެއްގައި ކަސްޓަމަރުންނަށް ތެޔޮ ފޯރުކޮށްދިނުމަށެވެ.