ޕްރިޔަންކާ ޗޯޕްރާ ޖޯނަސް ހިންދީ ފިލްމަކުން ފެނިފައިނުވާތާ ފަސް ވަރަކަށް އަހަރު ވެއްޖެއެވެ. ހިންދީ ބަހުން ނެރުނު އޭނާގެ އެންމެ ފަހުގެ ފިލްމަކީ 2019 ވަނަ އަހަރު ނެރުނު "ދަ ސްކައި އިޒް ޕިންކް" އެވެ. އޭގެ ފަހުން، އޭނާ ފެނިފައިވަނީ "ސިޓަޑެލް" ފަދަ ބައިނަލްއަގުވާމީ އުފެއްދުންތަކުންނެވެ.
ނަމަވެސް، އެޗްޓީ ސިޓީއަށް ދިން އިންޓަވިއުއެއްގައި، ޕްރިޔަންކާ ދާދި ފަހުން ވަނީ އުފާވެރި ހަބަރެއް އަންނަ އަހަރު އިއުލާނުކާނެކަމުގެ އިޝާރާތެއް ކޮށްފައެވެ.
"މިއީ ލާމާތެއް ނޫން. ފިލްމު ހަދާ ވަރަށް ގިނަ ފަރާތްތަކާ އެބަ ބައްދަލުކުރަން. ސްކްރިޕްޓްތައްވެސް ކިޔަން. ހިންދީ ބަހުން ހަދާނެ ފިލްމެއް ހޯދުމުގެ މަސައްކަތް ވަރަށް ބޮޑަށް ކުރިން. މި އަހަރަކީ ވަރަށް ބިޒީ އަހަރެއް. އެކަމަކު އަތްމަތީގައި ފިލްމެއް އެބައޮތް. ހަމައެކަނި މިވަގުތު ބުނެވޭނީ މިވަރަށް" އޭނާ ބުންޏެވެ.
އެބުނީ "ޖީ ލޭ ޒަރާ" އަދިވެސް ކުރިއަށްދާނެ ވާހަކަތޯ އޭނާއާ ސުވާލުކުރުމުން ބުނެފައިވަނީ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރަން ޖެހޭނީ އެކްސެލް އެންޓަޓެއިންމަންޓް (ފަރްހާން އަޚްތަރުގެ ޕްރޮޑަކްޝަން ހައުސް) އާކަމެވެ.
"ޖީ ލޭ ޒަރާ" އަކީ ދަތުރުފަތުރުގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ. މި ފިލްމު 2021 ގައި އިއުލާނުކުރެވުނެވެ. ފިލްމުގެ މައި ރޯލުން އޭރު އިއުލާނުކޮށްފައިވަނީ ޕްރިޔަންކާ، ކެޓްރީނާ ކައިޕް އަދި އާލިއާ ބަޓް ފެނިގެންދާނެކަމަށެވެ.
މި ޕްރޮޖެކްޓް ލަސްވެފައިވާ ކަމަށް މި އަހަރުގެ ކުރީކޮޅު ރިޕޯޓުތައް ބުނެފައިވެއެވެ. އޭގެ ފަހުން، އޮގަސްޓް މަހު، މީޑިއާ ޕަބްލިކޭޝަނަކާ ވާހަކަދައްކަމުން، ފިލްމު ޑައިރެކްޓަރުން ކަމުގައިވާ ޒޯޔާ އަޚްތަރު، އަދި ފަރްހާން އަޚްތަރު ބުނެފައިވަނީ، ފިލްމު ލަސްވަނީ މި ފިލްމު އުފައްދާ ފަރާތްތަކުގެ ތާރީހުތަކާއި ފިލްމުގެ ބަތަލާއިންގެ ތާރީހުތައް ދިމާނުވެގެންކަމަށެވެ.
މިހާރު ޕްރިޔަންކާ ހުރީ ޗުއްޓީ މޯޑުގައެވެ. އެއީ އޭނާގެ ޖާސޫސީ ތުރިލާ ޝޯ "ސިޓަޑެލް" ގެ ދެވަނަ ސީޒަންގެ ޝޫޓިން ނިންމާލުމަށްފަހުގައެވެ.