މުނިފޫހިފިލުވުން

"ސޯނޫ ކޭ ޓީޓޫ ކީ ސްވީޓީ 2" އަށް ކާރްތިކް އަލުން ގުޅެނީތަ؟

ކާރްތިކް އާރްޔާން އަދި ލަވް ރަންޖަން އަކީ ވަރަށް ކާމިޔާބު އެކްޓަރު-ޑައިރެކްޓަރު ޖޯޑެކެވެ. މި ދެމީހުން ވަނީ 'ޕިޔާރް ކާ ޕަންޗްނާމާ' ފްރެންޗައިޒް އަދި 'ސޯނޫ ކޭ ޓީޓޫ ކީ ސްވީޓީ' ފަދަ ހަނދާން ނައްތައިނުލެވޭ ފިލްމުތަކެއް ހަދައިފައެވެ. ނަމަވެސް ދެމީހުން ގުޅިގެން މަސައްކަތް ނުކުރާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެކަމަކު މިހާރު ފޭނުންނަށް މިވަނީ އުފާވެރި ހަބަރެއް ދީފައެވެ.

ފަހުގެ ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި މި ދެމީހުން 'ސޯނޫ ކޭ ޓީޓޫ' ގެ ދެވަނަ ބައެއް ހެދުމަށް އަންނަނީ މަޝްވަރާކުރަމުންނެވެ. ބޮލީވުޑް ހަބަރުތައް ބުނާގޮތުގައި، މި ދެ މީހުން ބައްދަލުކޮށްފައި ވަނީ ފާއިތުވި އަންގާރަ ދުވަހު ލަވްގެ އޮފީހުގައެވެ. އެތަނުގައި ކާރްތިކްއަށް ސީކުއަލްގެ އައިޑިއާ ހުށަހަޅާފައިވެއެވެ. އެ ކާރްތިކްއަށް އެންމެ ބޮޑަށް ކަމުދިޔައީ ފިލްމުގެ ވާހަކަ ކަމަށްވެ އެވެ. އަދި އޭނާ ވަނީ ފިލްމަށް ރުހުން ދީފައި ކަމަށާއި އެހެންކަމުން ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތް ފަށާފައިވާކަމަށް ހަބަރުތައް ބުނެއެވެ.

މިހާތަނަށް ފިލްމަކީ ފުރަތަމަ ބަޔާ ގުޅިފައިވާ ފިލްމެއްތޯ ނުވަތަ 'ޕިޔާރު ކާ ޕަންޗްނާމާ 2' ފަދައިން މުޅިން އާ ވާހަކައެއް ކަމެއް އެނގިފައެއް ނުވެއެވެ. 'ސޯނޫ ކޭ ޓީޓޫ.'ގެ ފުރަތަމަ ބައިގައި ސަނީ ސިންގް އަދި ނުޝްރަތް ބަރުޗާވެސް ތަމްސީލުކޮށްފައިވެއެވެ.

ކާރްތިކް މި ފިލްމުގެ ޝޫޓިން ފަށާނީ 'ޕަތީ ޕަތުނީ އައުރު ވޯ 2' އަދި އަނޫރާގް ބާސޫގެ 'އާޝިޤީ 3' ނިންމުމަށްފަހުގައެވެ.