މުނިފޫހިފިލުވުން

37 އަހަރު ވުމުން ފިލްމުކުޅުމުން ރިޓަޔާ ކުރާނެކަން ވިކްރާންތު އިއުލާނުކޮށްފި

އެކްޓަރު ވިކްރާންތް މަސީ އަންނަނީ އޭނާގެ ޕްރޮފެޝަނަލް ދިރިއުޅުމުގެ އެންމެ ރަނގަޅު ދުވަސްކޮޅު ހޭދަކުރަމުންނެވެ. އޭނާގެ އެންމެ ފަހުން ރިލީޒްކުރި ފިލްމު، ސަބަރުމަތީ އެކްސްޕްރެސް، ބޮކްސް އޮފީހުގައި ވަރަށް ރަނގަޅު ކުރިއެރުމެއް ހޯދައިފައިވެއެވެ. އޭގެ ކުރިން، އޭނާއަށް ވަނީ 'ޓުވެލްތް ފެއިލް' އަދި 'ސެކްޓަރ 36' ގައި އަދާކުރި ރޯލުތަކަށް ވެސް ތައުރީފު ލިބިފައެވެ.

ވިކްރާންތުގެ މި ކުރިއެރުމުގެ މައްޗަށް ބިނާކޮށް އިތުރަށް ކުރިއަށްދާނެ ކަމަށް ހީކޮށްގެން ތިބި ފޭނުންނަށް އޭނާ މިވަނީ ހިތާމަވެރި ހަބަރެއްދީފައެވެ. މި އެކްޓަރު ނިންމާފައިވަނީ މަސައްކަތް ހުއްޓާލުމަށެވެ. 37 އަހަރު ވުމުން، އެކްޓިން އިން ރިޓަޔަވާން ނިންމައި އެކަން މިވަނީ އިއުލާނުކޮށްފައެވެ.

އެގޮތުން އިންސްޓަގްރާމުގައި އޭނާ ކުރި ޕޯސްޓެއްގައި ބުނީ 2025 ގެ ފަހުން އެކްޓް ކުރުމުން ދުރުވާން ނިންމާފައިވާކަމަށެވެ.

"ވޭތުވެދިޔަ އަހަރުތަކާއި ދުވަސްތައް ވެފައިވަނީ ވަރަށް ރަނގަޅު ދުވަސްތަކަކަށް. ފޭނުން ދިން ފުރިހަމަ އެހީތެރިކަމަށް ޓަކައި ޝުކުރު އަދާކުރަން. އެކަމަކު އަހަރެން ކުރިއަށްދާއިރު، ވިސްނެނީ މިހާރު ވަނީ އަލުން ބަދަލުތަކެއް ގެނެސް، އަނބުރާ ގެއަށް ދިއުމުގެ ވަގުތު އަތުވެއްޖެ ކަމަށް. ފިރިއެއްގެ ހައިސިއްޔަތުން، ބައްޕައެއްގެ ހައިސިއްޔަތުން އަދި ދަރިއެއްގެ ހައިސިއްޔަތުން. އަދި ހަމައެހެންމެ އެކްޓަރެއްގެ ހައިސިއްޔަތުންވެސް." ވިކްރާންތްގެ ޕޯސްޓުގައި ވެއެވެ.

ރިޕޯޓުތަކުގައިވާ ގޮތުން، ވިކްރާންތު މިހާރު މަސައްކަތްކުރަމުން އަންނަނީ ދެ ފިލްމެއްގައެވެ. އެއީ 'ޔާރު ޖިގްރީ' އާއި 'އާންކޯން ކީ ގުސްތާކިޔާން' އެވެ.

ކުރިއަށް ހުރި މަސައްކަތްތަކާ ބެހޭގޮތުން އެކްޓަރު ލިޔެފައިވަނީ، "އެހެންވީމާ 2025 ގައި، އަހަރެން އެންމެ ފަހު ފަހަރަށް ބައްދަލުކުރާނަން. އެންމެ ފަހު ދެ ފިލްމާއި އެތައް އަހަރެއްގެ ހަނދާންތައް. އަނެއްކާވެސް ޝުކުރިއްޔާ."

ވިކްރާންތު އޭނާގެ އެކްޓިން ދަތުރު ފެށީ ޓީވީގައި 'ދޫމް މަޗާއޯ ދޫމް' ޕްރޮގްރާމުންނެވެ. އޭނާއަށް މަޝްހޫރުކަން ލިބުނީ 2009 ވަނަ އަހަރު 'ބާލިކާ ވަދޫ' އިންނެވެ. އޭގެ ފަހުން 2013 ގައި 'ލުޓޭރާ' އިން ފިލްމީ ދާއިރާއިން އިތުރު ކުރިއެރުން ލިބުނެވެ. ފިލްމެއްގައި މައި ރޯލެއް އަދާކުރަން ލިބުނީ 2017 ވަނަ އަހަރު 'އޭ ޑެތް އިން ދަ ގަންޖް' ގައެވެ. އޭގެ ފަހުން 'ގިންނީ ވެޑްސް ސަނީ'، 'ހަސީން ދިލްރުބާ'، 'ލަވް ހޮސްޓެލް' އަދި 'ޓުވެލްތް ފެއިލް' ފަދަ ފިލްމުތަކުން ފޭނުންގެ ސަޕޯޓު ހޯދުމުގައި އޭނާ ބޮޑު ކާމިޔާބީއެއް ހޯދިއެވެ.